ކަނު ލޯބި

(ތަރުޖަމާއެއް)

މިއީ އިންޓަނެޓުގައި ދައުރުވަމުންދާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ވާހަކަ ލިޔުނު މީހެއް އަޅުގަނޑަކަށް ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ. އިންޓަރނެޓުން އެކި ފަހަރު އެކި ގޮތަށް މި ވާހަކަ ފެނިފައި ވާތީ، ތަރުޖަމާ ކުރި އިރު، އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ވާހަކައަށް ބަދަލު ގެނެސްފައިވާނެއެވެ. އެކަމަކު ވާހަކައިގެ އަސްލަކަށް މާ ބޮޑު ބަދަލެއް ނުގެންނަމެވެ.

*********************

 

ފަރާއަކީ ލޯ އަނދިރި އަންހެން ކުއްޖެކެވެ. މާ ރީތި ކުއްޖެއްކަމަށް މީހުން ކިޔާ ކުއްޖެއް ނޫނެވެ. އޭނާގެ ޚަޞީލަތް ވެސް ގޯސްކަމުން ތޯއްޗެކެވެ. ލޮލަށް ނުފެންނާތީ އޭނާ ހުންނަނީ މުޅި ދުނިޔެ ދެކެވެސް ރުޅިއައިސްފައި ކަހަލައެވެ. އޭނާ ދަންނަ އެންމެން ދެކެވެސް އޭނާ ރުޅިއާދެއެވެ. އެ އެންމެންނާ ވެސް އޭނާ ހަސަދަވެރިވެއެވެ. އޭނާގެ ހިތަށް އަރައެވެ. "އެމީހުންނަށް ފެންނަންވީ ވަކި ކީއްވެގެންހެއްޔެވެ؟ ކިހައި ބޭއިންސާފު ގޮތެއް ހެއްޔެވެ؟"

ކޮންމެއަކަސް، ފަރާއަށް ހަމްދަރުދީވެ، އޭނާ ދެކެ އިންތިހާއަށް ލޯބިވާ ފިރިހެން ކުއްޖަކު އުޅެއެވެ. އެއީ ޖިނާޙެވެ. އެއް ދުވަހަކު ޖިނާޙު ފަރާގެ ގާތަށް ގޮސް ބުންޏެވެ. "އަހަރެން ފަރާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަންނާ އިންނަންވީ ނޫންހެއްޔެވެ؟ އަހަރެންގެ ނޭވާ ހިނގާހައި ހިނދަކު ފަރާ ދެކެ ލޯބިވެ ފަރާޔާ އަޅައިލާން އަހަރެން ވައުދުވަމެވެ."

ފަރާ ޖަވާބު ދިނެވެ. "އަހަރެން ކަލޭގެ ލޯތްބާ މެދު ޝައްކުކުރަމެވެ. އަހަރެން ފަދަ މީހަކާ ކަލޭ އިންނަންވީ ކީއްކުރަންހެއްޔެވެ؟ އަހަންނަކީ ލޯ އަނދިރި މީހެކެވެ. އަހަންނާ އިންނަން ކަލޭ ބޭނުންވުމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނޭކަން ހަމަ ގައިމެވެ. ތިޔައީ ބައެއް ފިރިހެނުންގެ ފާޑެވެ. އެވެރިންނަށް ރަނގަޅު ވާނީ ކަނު އަންހެނުންނެވެ. އޭރުން އެ ވެރިން އުޅޭނޫޅޭ ގޮތެއް އަނބިމީހާއަކަށް ނުފެންނާނެއެއް ނޫންހެއްޔެވެ؟ ހައްޤު ތެދެވެ. އަހަރެންގެ ދެ ލޮލަށް ނުފެންނަ ހާލު އަހަރެން މީހަކާ ނީންނާނަމެވެ."

މި ޖަވާބު ލިބުމުން ވީ ދެރައިން މާޔޫސްވެގެން އިތުރު ވާހަކައެއް ދައްކާނޭ ހިތްވަރެއް ނުލިބިގެން، ޖިނާޙު އެ ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ދެން މާ ގިނަ ދުވަހެއް ނުވެ، ފަރާއަށް މީހަކު ލޯ ހަދިޔާކޮށްފިއެވެ. ލޮލުގެ އޮޕަރޭޝަނަށް ފަހު ފަރާއަށް ރީތިކޮށް ތަންތަން ފެންނާން ފަށައިފިއެވެ. އަދި މި ކަމާ ވަރަށް އުފަލުން ހުއްޓައި، އެއް ދުވަހަކު ދަންނަ އަޑެއް ފަރާއަށް ގޮވައިލުމުން އެނބުރި ބަލައިލިއިރު، އެއީ ފަރާ ދެކެ ލޯބިވާ ޖިނާޙެވެ. ފަރާއަށް ދެ ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ދަނޑިގަނޑެއްގެ އެހީގައި ފަރާއާ ދިމާއަށް ހިނގާފައި އެހެރަ އަންނަ ޖިނާޙަކީ ވެސް ލޯ އަނދިރި ކުއްޖެކެވެ.

ޖިނާޙު އައިސް ފަރާގެ ގާތަށް ހުއްޓިފައި ބުންޏެވެ. "ފަރާއެވެ. މިހާރު ފަރާގެ ދެ ލޮލަށް ފެނޭ ނޫންހެއްޔެވެ؟ ދެން އަހަންނާ އިންނަންވީނޫންހެއްޔެވެ؟"

ފަރާ ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ. "ކަލޭގެ ހުރި ގޮތްކުޑަކަން ނިކަން ދެކެބަލާށެވެ! މިއޮއް ހުރިހައި ދުވަސް ވީ އިރުވެސް ކަލޭ ތީ ކަނު މީހެކޭ އަހަރެންގެ ގާތުގައި ނުބުނަމެއްނޫންހެއްޔެވެ؟ ކިހައި ބޮޑު އޮޅުވައިލުމެއްހެއްޔެވެ؟ އަހަރެން ލޯ އަނދިރި ހާލުގައި ހުއްޓައި އަހަންނާ އިންނަން ކަލޭ އެހި އެހުމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނޭކަން އޭރުވެސް އަހަންނަށް އެނގުނެވެ. އެހެން ނޫނަސް ލޯ އަނދިރި މީހަކާ އިނދެގެން އަހަންނަށް އޮތީ ކޮން އުފަލެއްހެއްޔެވެ؟ ކަލެއާ އިނދެފިއްޔާ އަހަރެންގެ ދިރިއުޅުން ކިހައި އަބާއްޖަވެރިވާނޭ ހެއްޔެވެ؟"

ޖިނާޙުގެ ހިތް ފެޅި ކުދިކުދި ވެއްޖެއެވެ. އެ ހުރި ތަނަށް ގައުވެފައި ޖިނާޙު ހުއްޓައި ފަރާ އެ ތަނުން ހިނގައްޖެއެވެ.

ވިދިގެން އައި ދުވަހު ފަރާއަށް ލިބުނީ ސިޓީއެކެވެ. "އަހަރެންގެ ދެ ލޯ ފަދަ ލޯބިވާ ފަރާއެވެ. އަހަރެން މި ދަނީއެވެ. އަހަރެންގެ ހިތް ވަނީ ފަރާއަށް މާ ކުރިން ހަދިޔާ ކުރެވިފައެވެ. އަހަރެންގެ އިޚްތިޔާރަކާ ނުލައެވެ. އަހަރެންގެ ދެ ލޯވެސް މިއަދު ތިޔަ ވަނީ ފަރާއަށް ހަދިޔާ ކުރެވިފައެވެ. އެކަމަކު އެއީ އަހަރެން ބޭނުންވެގެންނެވެ. ފަރާއަށް އުފާވެރި ޙަޔާތަކަށް އެދެމެވެ. ޖިނާޙު."

ފަރާއަށް ހަޅޭއްލަވައިގަނެވުނެވެ. ޖިނާޙު ހޯދަން ދުއްވައިގަނެވުނެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ.

Comments

Popular posts from this blog

ހައްތަހައި ވެސް ފިލާވަޅު