ހައްތަހައި ވެސް ފިލާވަޅު
ތޯމަސް އަލްވާ އެޑިސަންއަކީ އެމެރިކާއަށް ނިސްބަތްވި މަޝްހޫރު އީޖާދުވެރިއެކެވެ. އޭނާ އީޖާދުކުރި އެއްޗެހި ބައިވަރެވެ. "ފޯނޯގްރާފް"އާއި "މޯޝަން ކެމެރާ" ވެސް އީޖާދުކުރީ އޭނާއެވެ. ތިޔަ ކުދީން ތަންތަން އަލިކުރަން ތިޔަ ދިއްލާ ބޮކި ވެސް އީޖާދުކުރީ އޭނާއެވެ. ބޮކި އީޖާދުކުރަން އޭނާ ކުރި މަސައްކަތުގެ ތެރޭގައި، އެކި ކަހަލަ މައުދަނުން ނަރު ހަދައިގެން ބޮކީގެ "ފިލަމެންޓް"ގެ ގޮތުގައި ބޭނުންކޮށްގެން، ބޮކި ދިއްލޭތޯ އޭނާ ވަރަށް ދުވަސްވާންދެން މަސައްކަތްކުރިއެވެ. އޭނާ ހިތްހަމަޖެހޭ ވަރުގެ އަލިކަމެއް ބޮކިން ލިބުނީ އެކަމަށްޓަކައި އެތައް ދުވަހެއް ވާންދެން ކުރި ބުރަ މަސައްކަތުންނެވެ. މި ކުރި މަސައްކަތުގައި ދެ ހާހެއްހައި މައުދަން ޓެސްޓުކުރެވުނު އިރު ވެސް، އޭގެ ތެރެއިން އެއްވެސް އެއްޗެއް އެހައި ރަނގަޅަކަށް މަސައްކަތެއް ނުކުރިއެވެ. ނަމަވެސް އޭނާ ފޫއްސެއް ނުވެއެވެ. މަސައްކަތް ހުއްޓައެއް ނުލައެވެ.
އެޑިސަން މި ގޮތުގައި މަސައްކަތްކުރަމުން ގެންދަނިކޮށް، އޭނާގެ އެހީތެރިޔާ ވަރުބަލިވެގެން، ފޫހިވެގެން، ޝަކުވާގެ ރާގުގައި ބުނިކަމަށްވެއެވެ. "މިއީ ދެން ކިހައި ދެރަ ކަމެއްހެއްޔެވެ؟ ހުސް ބޭކާރު މަސައްކަތެވެ. ބޭކާރު ވަގުތެވެ. ވީ އެއްވެސް ފައިދާއެއް ނެތެވެ."
އެޑިސަން ޖަވާބުގައި ބުނިކަމަށްވެއެވެ. "ނޫނެކެވެ. އަހަރެމެންގެ މަސައްކަތާއި ވަގުތު ބޭކާރެއް ނުވެއެވެ. މިކަމުން ކިހައި ފިލާވަޅެއް ދަސްވެއްޖެ ހެއްޔެވެ؟ ބޮކީގެ ފިލަމެންޓުގެ ގޮތުގައި ބޭނުންކުރަން އެއްގޮތަކަށް ވެސް ކަމުނުދާ ދެ ހާހަށްވުރެ ގިނަ މައުދަން އެބަހުރިކަން އަރެމެންނަށް އެނގިއްޖެއެވެ. ބައެއް މައުދަނަށް ވުރެ ތަންކޮޅެއް ރަނގަޅަށް މަސައްކަތްކުރާ އެހެން މައުދަން އެބަހުރިކަން ވެސް އަހަރެމެންނަށް އެނގިއްޖެއެވެ. އަދި މާޔޫސްވާކަށް ނުވެއެވެ."
އެހައިތަނަށް މަސައްކަތްކުރެވުނު އިރު، ޓެސްޓުކޮށް ނިމުނު މައުދަނަށް ވުރެ ރަނގަޅު މައުދަން އަދި ޓެސްޓު ނުކުރެވި ހުރެދާނޭކަމުގެ އުއްމީދުގައި އެޑިސަންގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެޑިސަންއަށް ބޮކި އީޖާދުކުރެވުނީ މި ގޮތުގައި ހިތްވަރާއެކު އެތައް ދުވަހެއް ވާންދެން ހުއްޓައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ވަކި ހިސާބަކުން މާޔޫސްވެގެން ހުއްޓައިލި ނަމަ، އޭނާއަކަށް އެކަމެއް ނުވީހެއްނޫންހެއްޔެވެ؟
ތިޔަ ކުދީންވެސް ކަންކަން ދަސްކުރާން އުޅޭ އިރު، ފުރަތަމަ އެހައި ރަނގަޅަށް، ނުވަތަ އެހައި މޮޅަށް ކަންކަން ނުކުރެވިދާނެއެވެ. އެއީ ލިބޭ ތަޖުރިބާއެވެ. ދަސްވާ ފިލާވަޅެވެ. އެކަންކަމުން ޢިބްރަތް ލިބިގަންނާށެވެ! މަސައްކަތް ހުއްޓައި ނުލައި ހިތްވަރާއެކު ކުރިއަށް ގެންދާށެވެ! ކާމިޔާބު ލިބޭނީ އޭރުންނެވެ.
ބައެއް ލަފްޒުތަކުގެ މާނަ
1) އީޖާދު: ކަމެއް ނުވަތަ އެއްޗެއް އަލަށް އުފައްދާ އުފެއްދުން. މި އުފައްދާ އެއްޗަކަށް ވެސް އީޖާދޭ ކިޔައެވެ.
2) މައުދަން: ވިރިކެކޭތަކެތި.
3) ވިރިކެކޭތަކެތި: ވިރުވައިގެން، އެއިން އެއްޗެތި ހަދައި އުޅޭ ތަކެތި. (މިސާލު. ރަން، ރިހި، ލޮއި)
4) ބޮކީގެ ފިލަމެންޓް: މިއީ ބޮކީގެ އެތެރޭގައި ފެންނަން އެ ހުންނަ ހިމަހިމަ ނަރުކޮޅެވެ. މި ނަރުކޮޅު ހަދައިފައި ހުންނަނީ އެހައި ފަސޭހައިން ނުވިރޭ ކަހަލަ މައުދަނުންނެވެ.
5) ފޯނޯގްރާފް: މިއީ، އެއަށް އަޑު ރެކޯޑުކޮށްގެން، އެ ރެކޯޑުކުރި އެއްޗެއް ފަހުން އަޑުއަހައިލެވޭ ގޮތަށް އެޑިސަން އުފެއްދި އެއްޗެކެވެ.
6) މޯޝަން ކެމެރާ: މޫވީ ކެމެރާ، ނުވަތަ ފިލްމް ކެމެރާ.
Comments
Post a Comment